
ފިހާރައަކުން މޮބައިލް ފޯނަކާއި 25،000ރުފިޔާ ވަގަށް ނެގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ ޗަންދްރެސްކަރަން އެންތޮނީ (42އ)އެވެ.
އެ މައްސަލައިގައި އޭނާ 15ދުވަހަށް ވަނީ ބަންދުވެސްކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ވަގަށް ނެގީ ފިހާރައިގެ ދުވަހު ސޭލްސްގެ ގޮތުގައި ލިބުނު 25،000 ރުފިޔާ އާއި މޮބައިލް ފޯނެކެވެ.
އެ މައްސަލައިގައި ވީޑިއޯ ފުޓޭޖްގެ ސްނެޕްޝޮޓްތައް ވެސް ހެކީގެ ގޮތުގައި ހުށަހެޅި ނަމަވެސް ބިދޭސީ މީހާ ބުނީ އޭނާ އެ ފިހާރައިގެ ވަޒީފާއިން 10ދުވަސް ކުރިން ވަކިވެފައިވާ ކަމަށާއި އަދި އެ ހާދިސާ ހިނގިކަމަށް ބުނާ ވަގުތު ހުރީވެސް އެހެން ތަނެއްގައި ކަމަށެވެ.
އެ ބިދޭސީ މީހާ ހައްޔަރުކުރި އިރު އޮތީ ރާއްޖެއިން ފުރަން ފްލައިޓް ޓިކެޓްވެސް ނަގައިފައެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































