
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް އޮސްޓްރޭލިއާއަށް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިންއިން ބުނެފި އެވެ.
މޯލްޑިވިއަންއިން އެ ދަތުރުތައް ފަށަން ނިންމާފައިވަނީ އޮސްޓްރޭލިއާ މެލްބަންއާއި މާލެއާ ދެމެދު އެވެ.
ނަމަވެސް، އެ ދަތުރުތައް ފަށާނެ ވަކި ތަރީހެއް މޯލްޑިވިއަނުން ބުނެފައެއް ނުވެއެވެ.
މި ދަތުރުތައް ފަށަނީ އޮސްޓްރޭލިއާގެ ލަގްޒަރީ އެސްކޭޕްއާ އެކު ޕާޓްނާޝިޕްއެއްގެ ދަށުންނެވެ.
މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ފަށަން މިދިޔަ ސެޕްޓެމްބަރު މަހު ދެކުނު ކޮރެއާގައި ސޭލްސް އެޖެންޓެއް ހޯދުމަށް ވެސް އިއުލާންކުރިއެވެ.
މޯލްޑިވިއަންއިން ދުރު ދަތުރުތަކުގެ ޚިދުމަތައް، މިދިޔަ އަހަރުގެ ތެރޭގައި ވަނީ މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ވެސް ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތައް ގެނައުމަށް، އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.
ދެކުނު ކޮރެއާގެ އިތުރުން ދުނިޔޭގެ އެހެނިހެން މަންޒިލުތަކަށް ވެސް ދަތުރުތައް ފަށަން މޯލްޑިވިއަންއިން ދަނީ މަސައްކަތް ކުރަމުންނެވެ.



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































