
ޖަޕާނުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުކޮށް، އެ ގައުމުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހްލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (ޖޭއޭޓީއޭ) ގެ ރައީސް ކުނިހާރު އެބީނާއާ ބައްދަލުކުރައްވައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ، ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ރޮނގުން އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، ޖަޕާނުގެ ފަތުރުވެރިންނަށް ރާއްޖެއަކީ އިތުރަށް މަގުބޫލު މަންޒިލަކަށް ހެދުމަށެވެ. އެގޮތުން، ޖޭއޭޓީއޭގެ ފަންނީ އެހީތެރިކަމާ އެކު ޕްރޮމޯޝަނަލް ހަރަކާތްތައް އިތުރުކުރުމަށާއި، ދެ ގައުމުގެ ޓްރެވަލް އޭޖެންޓުންގެ މެދުގައި އޮންނަ މުއާމަލާތްތައް ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
Had a productive discussion with Mr. Kuniharu Ebina, President of the Japan Association of Travel Agents (JATA), on strengthening tourism ties between the Maldives and Japan.
We discussed JATA’s support in increasing Japanese tourist arrivals to the Maldives, strengthening the… pic.twitter.com/cCyHnpf0kJ
— Ahmed Mahloof (@AhmedMahloof) July 4, 2026
މީސްމީޑިއާ މެދުވެރިކުރައްވައި އާންމުކުރެއްވި މައުލޫމާތެއްގައި ސަފީރު މަހްލޫފް ވިދާޅުވެފައި ވަނީ، މި މަޝްވަރާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޖަޕާނުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެކި ގައުމުތަކާ އެކު ގުޅުން ބަދަހިކުރަމުންދާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ރިކޯޑުތައް ސާބިތުކޮށްދޭ ގޮތުގައި މިއަހަރުގެ މިހާތަނަށް 1,067,543 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ހަމައެކަނި ނިމިދިޔަ ޖޫން މަހުގެ ތެރޭގައި 123،000 ފަތުރުވެރިން ވަނީ ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްފައެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































