މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ތަފްސީލީ ކުރެހުންތައް އެކުލަވާލަން ދިރާސާތައް ފަށައިފިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި 2024އަހަރުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130މިލިއަން ޑޮލަރު އޮތީ ހަމަޖައްސަވައިފައެވެ. އަދި އެ ފައިސާއިން މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވެއެވެ.

ހައުސިން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްެރޫޫއުގެ ތެރެއިން، މަސައްކަތާގުޅެ ސަރަޙައްދުތައް ސާވޭކުރުމާއިި ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއު ކުރިއަށްގެންދާނީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުވާގޮތައް ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތޮލިބު ވަނީ ވިދާޅުވެފައެވެ. އެގޮތުން ސްޓޯމްވޯޓާ މެނޭޖްމެންޓް ސިސްޓަމެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

Leave a Reply