ފާއިތުވި ހަފުތާގެ ތެރޭގައި ސްކޭމުގެ މައްސަލަތަކުގައި އެކި ފަރާތްތަކަށް ގެއްލުނު ފައިސާގެ ތެރެއިން 150,693 ރުފިޔާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އަނބުރާ ހޯދައިދީފިއެވެ.

ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ހަފުތާގައި މަކަރާއި ހީލަތުގެ 33 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 258,356 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާއިރު، ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ ވަނީ ސަލާމަތްކުރެވިފައެވެ.

ރިޕޯޓުކުރެވިފައިވާ މައްސަލަތަކުގެ ބާވަތަށް ބަލާއިރު، އެންމެ ގިނައީ އިންޓަނެޓް މެދުވެރިކޮށް ކުރާ ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. މިގޮތުން އެފަދަ 19 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފައިސާ މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާފައިވާ 4 މައްސަލައަކާއި، އެހެން މީހަކަށް ހެދިގެން މަކަރުން ފައިސާ އަތުލުމުގެ 3 މައްސަލައެއް ހިމެނެއެވެ. ކުށްވެރިން އާންމުގޮތެއްގައި މިފަދަ އަމަލުތައް ހިންގުމަށް ބޭނުންކޮށްފައި ވަނީ އާންމު ފޯނު ކޯލްތަކާއި، އައިބޭ ފަދަ ވެބްސައިޓްތަކާއި، ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން ފިޝިންގ ލިންކުތަކާއި މެސެޖިންގ އެޕްލިކޭޝަންތައް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، ފައިސާގެ މުއާމަލާތްތައް ކުރުމުގެ ކުރިން އަނެއް ފަރާތަކީ ކާކުކަން ރަނގަޅަށް ޔަގީންކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ‘ޓޫ ފެކްޓަރ އޮތެންޓިކޭޝަން’ ބޭނުންކުރުމަކީ ވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް 911އަށް ނުވަތަ 125  އެކްސްޓެންޝަން 2020އަށް ގުޅައި ރިޕޯޓުކުރުމަކީ ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމުގައި ފުލުހުން ބުނެއެވެ.

Leave a Reply