ދިވެހި ފިލްމީ ދާއިރާގައި މިހާރު ހުރި އެންމެ މަޤުބޫލު އަދި ކުޅަދާނަ އެއް ބަތަލާ މަރިޔަމް އައްޒަ ޕްރޮޑިއުސްކޮށް، ލީޑު ރޯލުން ފެނިގެންދާ “ދެވި” ފިލްމުގެ ރަސްމީ ޓްރެއިލާ ޢާންމުކުރިތާ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. ޓްރެއިލާ ރިލީޒްކުރިތާ އެންމެ 28 ގަޑިއިރުގެ ތެރޭގައި 2 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، މިއީ މި ފިލްމަށް ބެލުންތެރިން ކުރަމުންދާ ބޮޑު އިންތިޒާރު ހާމަވެގެންދިޔަ ކަމެކެވެ.

މި ފިލްމުގައި އައްޒަ ފެނިގެންދަނީ ވަރަށް ތަފާތު ޑަބަލް ރޯލަކުންނެވެ. ޓްރެއިލާއިން ބިރުވެރިކަމާއި ސަސްޕެންސްގެ އިތުރުން އަސަރުގަދަ ލޯބީގެ މަންޒަރުތަކެއް ފެނިގެންދާއިރު، އައްޒަގެ ފުރިހަމަ އަދި މޮޅު އެކްޓިންއެއް ވަނީ ފާހަގަކޮށްލެވިފައެވެ. ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އައްޒަގެ ޢާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. މީގެ އިތުރުން ފިލްމުގެ މައިގަނޑު ތަރިންގެ ހުނަރުވެރިކަންވެސް ޓްރެއިލާއިން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.

ސަސްޕެންސް އަދި ބިރުވެރި ހާދިސާތަކެއް އެކުލެވޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 26 ސެޕްޓެމްބަރު 2026 ގައެވެ. ފިލްމީ ދާއިރާގެ ގިނަ ބަޔަކާއި ބެލުންތެރިން އިންތިޒާރުކުރަމުންދާ މި ފިލްމުގެ ޓްރެއިލާއާއެކު އޮންލައިންކޮށް ޓިކެޓް ބުކް ކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ޓިކެޓް ބުކްކުރުމަށް 7424544 އަށް ވައިބާ ކުރުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތުދެއެވެ.

މި ފިލްމުގައި ދިވެހި ސިނަމާގެ މަޝްހޫރު އަދި ހުނަރުވެރި ބޮޑު ކާސްޓެއް ހަރަކާތްތެރިވެއެވެ. އައްޒަގެ އިތުރުން ޝަރަފް ޢަބްދުﷲ، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، ޢާމިރާ އިސްމާޢީލް، ޢާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) ފެނިގެންދާނެއެވެ. މީގެ އިތުރުން، މި ފިލްމުން އަލަށް ތަޢާރަފުވާ ހަމްދާން ސަލީމްވެސް ފެނިގެންދާނެއެވެ.

“ދެވި” އަކީ ޔާރާ ޕްރޮޑަކްޝަންސްގެ އިތުރުން ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާލް ޒަކީ ގުޅިގެން އުފައްދާ ފިލްމެކެވެ. ފިލްމީ ދާއިރާގެ ތަފާތު ފަންނުތަކުގައި ނަން މަޝްހޫރު ޙުސައިން ހާޒިމް (ސޭންޑީ) ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ޙުސައިން ހާޒިމް (ސޭންޑީ) އާއި ޝަހުދާ މަހުމޫދު ގުޅިގެންނެވެ.

Leave a Reply