
މިދިޔަ މާޗު މަހު ގ. ހިޔާރޯދި ގޭގަިއ ރޯކޮށްލިކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި ލ. މާބައިދޫ، ޝަބްނަމް ހައުސް، ހުސެއިން ޝަހުބާން، ފިލައިގެން އުޅެނިކޮށް ހޯދައިފި އެވެ.
ޝަހުބާން ރޭ ފިލީ އަވަސް ފަރުވާއަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތަނުން ނެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުން ނެވެ.
ކަރެކްޝަންސްއިން މިރޭ ބުނީ އެ އިދާރާއާއި ފުލުުހުން ގުޅިގެން މިއަދު ހަވީރުގެ ވަގުތެއްގައި ހިންގި
އޮޕަރޭޝަނެއްގައި ޝަހުބާން ހޯދައި އަލުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ޝަހުވާން ގ. ހިޔާރޯދި ގޭގައި ރޯކޮށްލި ސަބަބެއް ސާފެއް ނުވެއެވެ. ރޯކޮށްލި ތުހުމަތުގައި އޭނާ ހައްޔަރުކުރީ ވެސް އެ ގޭގައި ރޯވުމުގެ ހައެއްކަ މިނެޓު ކުރިން އޭނާ އެ ގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުވި ފަހުން ނެވެ.
އެ މައްސަލައިގައި މިދިޔަ މަހު އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވައި ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފަ އެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































