
ރާއްޖޭގެ އުމްރާނީ އަދި ފަންނީ ތަރައްގީ އައު ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި، އިންޖިނިއަރިންގެ ތަފާތު ދާއިރާތަކަށް ހާއްސަކޮށްގެން އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ބިނާކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޤައުމީ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ސަރުކާރުގެ ބަޖެޓަށް ބާރުބޮޑުނުވާނެހެން، ދެމެހެއްޓެނިވި އުސޫލަކުން ފަންޑު ހޯދައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ގާއިމުކުރާ އިމާރާތުގައި، ސިވިލް، މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖިނިއަރިންގެ އިތުރުން ސޮފްޓްވެއާ އާއި ރޮބޮޓިކްސް އަދި އެއަރކްރާފްޓް އިންޖިނިއަރިން ފަދަ ޒަމާނީ ރޮނގުތަކުން ތަހުލީލުތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިކަމަށް ބޭނުންވާ ފަންނީ ތައްޔާރީތަކާއި އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
އިންޖިނިއަރިންގގެ އެކިއެކި ދާއިރާތަކުން ރިސަރޗްތައް ކުރެވޭ، ސްޓޭޓް އޮފް ދި އަރޓް ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭގޮތަށް، ޢިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މި ޢިމާރާތް ބިނާކުރައްވައި ހިންގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާނީ… pic.twitter.com/jBJikAifZf
— The President's Office (@presidencymv) August 30, 2026
މި ސްޓޭޓް-އޮފް-ދި-އާޓް ފެސިލިޓީ ވެގެންދާނީ ދިވެހި ދަރިވަރުންނާއި، ފަންނީ މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް ބޭނުންކުރެވޭނެ މަރުކަޒަކަށެވެ. މީގެ ސަބަބުން މި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޖިނިއަރިންގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ އިންޖިނޭރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، އެ ފަރާތްތަކުން ގައުމަށް ކޮށްދެއްވާ މިންނަތް މަސައްކަތްޕުޅުތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަސް ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ، ދިވެހިރާއްޖޭގައި ހިންގުނު އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ “ސިނަމާލެ ބުރިޖު” ރަސްމީކޮށް ހުޅުވުނު ތާރީހާ ގުޅުވައިގެންކަން ފާހަގަކޮށްލެވެއެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































