މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ބަޖެޓްގައި ހުރި 4 މިލިއަން ރުފިޔާ މުސާރައަށް ޚަރަދު ކުރި ގޮތް ހާމަކޮށްދޭންޖެހޭ ކަމަށް އެ ޕާޓީގެ ޗެއަރ ޕަރސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހަރަކު އެއްފަހަރު އާންމު ކުރާ އޮޑިޓް ރިޕޯޓަކުން ނުފުދޭ ކަމަށާއި ޕާޓީއަށް ލިބޭ ފައިސާއަށް ވާނުވާއާ ޚަރަދުތައް ކުރާގޮތްތައް ހާމަކުރަންޖެހޭ ކަމަށެވެ. އަދި ޕާޓީގެ ހަރު މުދަލުގެ ތަފްސީލު ވެސް އާންމު މެންބަރުންނަށް ހާމަ ކުރަންޖެހޭނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.

“ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ.” އެމްޑީޕީގެ ޗެއަރ ޕަރސަން ކަމަށް ވާދަކުރައްވާ މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ އެކު އަނެއްކާ ވެސް ފާޓީގެ އެތެރޭގެ ކޯޅުން ވަނީ ހޫނުވެފައެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ވަޓްސްއަޕް ގުރޫޕެއްގައި ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވަނީ އެ ޕާޓީގެ ވަގުތީ ޗެއަރ ގަޕޯގެ އިސްތިއުފާއަށް ވެސް ގޮވައިލާފައެވެ. އަދި މީސްމީޑިއާގައި ވެސް ބަހުގެ ހަމަލާތަކެއް މި މައްސަލައާ ގުޅިގެން ވަނީ ދައުރުވެފައެވެ.

Leave a Reply