
ކަނޑައަޅާފައިވާ ތަންތަން ނޫން ތަނެއްގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ.
އަދަދު ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެގެން އެ ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށް ލައިފައެވެ. އެހެންވެ އެ ދެ ނޫސްވެރިން މިނިވަންކުރަން ގޮވާލައި އިދިކޮޅުން ރޭގަނޑު ދަނީ މުޒާހަރާތައް ބާއްވަމުންނެެވެ.
މުޒާހަރާތަކާ ގުޅިގެން ފުލުހުން ރޭ ނެރުުނު ބަޔާނުގައި ބުނީ ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާއެކު އެއްވެއުޅުމަށް ގާނޫނުން ލިބިދީފައިވާ ހައްގު ހިމާޔަތްކޮށްދިނުމުގައި ފުލުހުން ދެމި އޮންނާނެ ކަމަށެވެ.
ނަމަވެސް މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން، ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކޮށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެ އަސާސީ ހައްގުގެ ބޭނުންހިފުމުގައި، އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ އެ އިދާރާއިން ލިޔުމުން ދޭ ހުއްދައެއް ނެތި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ.
“ވީމާ، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންދާނެވާހަކަވެސް ދަންނަވަމެވެ”ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































