
ސަޢުދީ ޢަރަބިއްޔާއިން ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޙައްޖާޖީން މާލެ އައުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެން ކުރާ ހަތަރު ދަތުރެއްގައެވެ. މިގޮތުން، ހުކުރު، އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އާއި ސަޢުދީ އެއާލައިން ބޭނުންކޮށްގެން ޙައްޖުވެރިން ގެނައުމުގެ އިންތިޒާމުތައް ވަނީ ފުރިހަމަކޮށްފައެވެ.
ޙައްޖުވެރިން އެނބުރި އަންނަ ފްލައިޓުތަކުގެ ތާވަލު ހަމަޖެހިފައިވާ ގޮތަކީ:
– ހުކުރު ދުވަހު: ސަޢުދީ އެއާލައިނުން އަންނަ ފްލައިޓު މަދީނާއިން ފުރާނީ 03:15 ގައެވެ. އަދި މާލެ އަންނާނީ މެންދުރު ފަހު 14:00 އަށެވެ.
– އާދީއްތަ ދުވަހު: މޯލްޑިވިއަންގެ ފްލައިޓު މަދީނާއިން ފުރާނީ ހެނދުނު 09:40 ގައެވެ. މާލެ ޖައްސާނީ ހަވީރު 17:40 ގައެވެ.
– ހޯމަ ދުވަހު: ސަޢުދީ އެއާލައިނުން އަންނަ ފްލައިޓު މަދީނާއިން ފުރާނީ 03:15 ގައެވެ. މާލެ އަންނާނީ 14:00 އަށެވެ.
– އަންގާރަ ދުވަހު: މޯލްޑިވިއަންގެ ފްލައިޓު މަދީނާއިން ފުރާނީ ހަވީރު 16:00 ގައެވެ. މާލެ ޖައްސާނީ ރޭގަނޑު 00:01 ގައެވެ.
ފާއިތުވި އަހަރެކޭ ވެސް އެއްފަދައިން، މިއަހަރުގެ ޙައްޖު މޫސުމުގައި ވެސް ދިވެހިން ފުރާފައި ވަނީ ސަޢުދީ ސަރުކާރުން ކުރިއަށްގެންދާ “މައްކާ ރޫޓް އިނިޝިއޭޓިވް”ގެ ދަށުންނެވެ. މި ޚިދުމަތުގެ ސަބަބުން، ދިވެހިރާއްޖޭގެ މައި އެއާޕޯޓުން ފުރުމުގެ ކުރިން ސަޢުދީގެ އިމިގްރޭޝަން މަރުޙަލާތައް ފުރިހަމަކުރުމުގެ ލުއިފަސޭހަކަން ޙައްޖާޖީންނަށް ވަނީ ލިބިފައެވެ. ޢާންމު ގޮތެއްގައި ގިނަ ޢަދަދަކަށް މީހުން ޙައްޖަށް ފޮނުވާ ޤައުމުތަކަށް އަމާޒުކޮށްގެން ދޭ މި ޚާއްޞަ ޚިދުމަތުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށް ސަޢުދީ ސަރުކާރުން ނިންމާފައި ވަނީ 1446ވަނަ އަހަރުގެ ޙައްޖު މޫސުމާ ގުޅިގެންނެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































