ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރެއްވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމާ ހަވާލުވުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު، އަންނަ މެއި މަހުގެ 17ވަނަ ދުވަހު މުޅި ރާއްޖޭގައި އެއްވަގުތެއްގައި ކުރިއަށްގެންދިއުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

މި ރަސްމިއްޔާތުގައި، ފަސްވަނަ ދައުރަށް ހޮވުނު ކައުންސިލަރުން ހުވާކުރުމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން އޮންނާނެއެވެ. އެލްޖީއޭއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ކަންކަން ފުރިހަމަވުމާ އެކު ކައުންސިލްތަކާއި ކޮމިޓީތަކުގެ އެންމެ ފުރަތަމަ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި އައު ދައުރުގެ މަސައްކަތްތައް ފެށުމުގެ ގޮތުން މި ޖަލްސާތަކުގައި ދެ އިދާރާގެ ވެސް ނައިބު ރައީސުން އިންތިޚާބުކުރުން ކުރިއަށްދާނެއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ އެ ކޮމިޓީގެ ރައީސަކީ ފުލްޓައިމް މުވައްޒަފެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމެވެ. މި މުހިންމު ބަދަލާ އެކު، ރަށު ފެންވަރުގައި އަންހެނުން ބާރުވެރިކުރުވުމަށާއި އެކަނބަލުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެ، ނަތީޖާ ނެރުން އަވަސްވެގެންދާނެކަމަށް އެލްޖީއޭއިން އުންމީދުކުރެއެވެ.

Leave a Reply