
ޑިމޮކްރެސީގެ މިނިވަންކަން، އެ ހަމަތަކުން ވެރިކަން ހިންގުން ތަންފީޒުކުރީ މި ސަރުކާރުން އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތާއި، އެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ތަންތަން ހަމަޖެއްސުމުގެ ގޮތުން ސަރުކާރުގެ ސްކޫލްތައް ހިމެނޭ ގޮތަށް ހުއްދަ ދެމުން ގޮސްފައިވާ ކަމަށެވެ.
ސިޔާސީ ގޮތުން ބަދަލުހިފުމުގެ ކަންކަން ކުރީގެ ސަރުކާރު ތަކުން ކުރި ނަމަވެސް މި ސަރުކާރާ ހިސާބުން ބަދަލުހިފުމާއި އަނިޔާވެރިކަމުގެ އެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެެ.
“މީގެ ކުރިން ކޮންމެ ސަރުކާރެއްގައި ވެސް ސަރުކާރު ހަމަ އަންނަ އިރަށް ކުރިން ވެރިކަން ކުރެއްވި ރައީސް ޖަލަށް ލާން މަސައްކަތް ފަށާނެ. ކުރީގެ ރައީސް ހުންނަވާނީ އެ އަނިޔާވެރިކަމުގެ ތުންފަތް މަތީގައި. މި ސަރުކާރަށް ދެ އަހަރާއި ހަ މަސް ވެގެން ދިޔައިރު ކުރީގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކު ޖަލަކު ނޫން ހުންނާނީ,” ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން މާލޭގައި އެންމެ ތަނަކަށް ހުއްދަ ނުހޯދާ އެއްވެވޭ ގޮތަށް އޮތް ގަވާއިދު ބަދަލުކޮށް އިތުރު ފަސް ތަނެއް ހިމަނައި އެ ޖާގަ ވެސް ފަސްގުނަ އިތުރުކޮށްދިނީ މި ސަރުކާރުން ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ނޫސްވެރިކަމުގެ މިނިވަންކަމަށް ވެސް އެންމެ ބޮޑު މަސައްކަތް ކުރަމުން ދަނީ މި ސަރުކާރުން ކަމަށެވެ. މީގެ ކުރިން ނޫސް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެކި ވިޔަފާރިތަކުގައި ސްޕޮންސާ ހޯދުމަށް ސަލާން ޖަހަމުން ދަނިކޮށް ދައުލަތުގެ ފައިސާ ނޫސްތަކަށް ހަމަޖައްސައިދީ، މާލީ އަޅުވެތިކަމަކުން ނޫސްވެރިން މިނިވަންކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެެ.
ޖުޑީޝަރީގެ މިނިވަންކަމަށް ވެސް އެންމެ ބޮޑު ހުރަހަކަށް އޮތީ ފައިސާ ކަމަށާއި ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ޖުޑީޝަރީގެ ބްލޮކް ގްރާންޓްގެ ގޮތުގައި ހަމަޖައްސައި މިނިވަންކަމާ އެކު ޖުޑީޝަރީގެ އިދާރީ ކަންކަމަށް ކުރަންޖެހޭ ހަރަދުތައް ކުރުމުގެ ފުރުސަތު ހޯދައި ދެވުނު ކަން ރައީސް ފާހަގަކުރެއްވިއެވެ. ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓު ހުޅުމާލޭގެ ތަނަވަސް ޖާގަ ލިބޭނެ ގޮތަކަށް އިމާރާތް ބަދަލުކޮށް، މިދިޔަ ހަފުތާގައި ކޯޓު ކޮމްޕްލެކްސް އަޅަން އެމްޓީސީސީއާ ހަވާލު ކުރެވުނު ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
“ކުރިން ސީދާ ރައީސް އޮފީހުން އޯޑަރުކޮށްގެން ހުކުމް ނެތުމުގެ ސަގާފަތެއް އޮތީ. މިހާރު އެއްވެސް ފަނޑިޔާރަކަށް ވިދާޅެއް ނުވާނެ، ސަރުކާރުން އެންގިއޭ ވަކި ގޮތަކަށް ހުކުމްކުރަން,” ރައީސް ވިދާޅުވިއެވެެ.
ދެފުށް ފެންނަ ގޮތަށް ސަރުކާރު ހިންގުމުގެ ސިޔާސަތެއް ތަންފީޒުކުރަނީ ވެސް މި ސަރުކާރުން ކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ގޮތުން ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން ފުރަތަމަ ފަހަރަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގައި ލާޒިމުކޮށްފައިވާ އިސްވެ ހާމަކުރަން އޮންނަ މައުލޫމާތުތަކުގެ 100 އިންސައްތަ ހާމަކޮށްފައިވާ ކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































