
ނިމިދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމަށްވުރެ ފަސް ގުނަ އިތުރަށް މި ސަރުކާރުން މާލެ ސަރަހައްދުގައި ސުލްޙަވެރިކަމާ އެކު އެއްވެއުޅުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކާ ގުޅިގެން ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން މުޒާހަރާކުރުމަށް މާލެއިން ދޫކޮށްފައި އޮތީ އެންމެ ސަރަޙައްދެކެވެ. ނަމަވެސް، މި ވެރިކަމުގައި އެ ޢަދަދު ފަސް ތަނަކަށް އިތުރުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިތުރު ޖާގަދީފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިދިކޮޅު ޕާޓީން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ ތަންތަނުގެ ބަދަލުގައި އެ ފަރާތްތަކުން އެއްވަމުންދަނީ އާންމު ރައްޔިތުންނަށް އުނދަގޫވާނެހެން މަގުމައްޗަށް ކަމަށެވެ. އަދި އެއްވުންތަކުގެ ތެރެއިން ހަޑިހުތުރު ބަހުރުވައިން މުޢާމަލާތްކުރުމާއި، ބޭއަދަބީ ޢަމަލުތައް ހިންގުމަކީ އިސްލާމްދީނުގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއްކަން އެމަނިކުފާނު ސަމާލުކަމަށް ގެންނެވިއެވެ.
ކޮންމެ ފަރުދަކަށް ވެސް ޙައްޤުތަކެއް ލިބިގެންވީ ނަމަވެސް، އެ ޙައްޤުތަކުގެ ބޭނުން ހިފަންވާނީ އަނެކާގެ ޙައްޤަށް އުނިކަން ނާންނާނެ ފަދައިންކަން ރައީސް ތަކުރާރުކުރެއްވިއެވެ. ހަމައެއާ އެކު، މުޒާހަރާކުރާ ފަރާތްތަކުން ދީނާ ޚިލާފު ޢަމަލުތައް ހިންގާކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުމުގެ މާނަ އޮޅޭގޮތަށް، އެއީ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އިސްލާމްދީނުން ބޭރުވިކަމަށް ވިދާޅުވި ވާހަކަފުޅެއްގެ ގޮތުގައި ފަތުރަމުންދާ ދިއުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގެއްކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































