އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންއަށް ބޭނުންވާ އިންޖީނުތައް މިހާރު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސެއިން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. މި ޕަވަރ ސްޓޭޝަނަށް ބޭނުންވާ އިންޖީނުތައް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

“އެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްގެންދިއުމަށް މަސައްކަތްކުރަމުންދަނީ. މިހާރު ފެކްޓްރީގަ އެ އިންޖީނުތައް އުފެއްދުމުގެ މަސައްކަތްތައް ކުރިޔަށްއެބަދޭ.” އަފީފު ވިދާޅުވިއެވެ.

މީގެ އިތުރުން އަފީފު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މީގެ ކުރިން ފެނަކައިން ބުނެފައިވާ ގޮތުގައި މި ސްޓޭޝަނަށް ގެނައުމަށް ހަމަޖެހިފައިވަނީ ލޯ- ސްޕީީޑު ޖަނަރޭޓަރުތަކެކެވެ. އިންސްޓޯލްކޮށް ކޮމިޝަން ކުރެވެންވާއިރަށް، އިމުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދެވި ޚިދުމަތަށް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އައްޑޫގައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތަކީ ޑުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން 5.2 މެގަވޯޓުގެ ލޯ-ސްޕީޑު 5 ޖަނަރޭޓަރު އިންސްޓޯލްކުރުން، ގްރިޑަށް ކަރަންޓު ދިނުމާ ހަމައަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުން، ފިޔުލް ފާރމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

Leave a Reply