
ފަންނީ މައުލޫމާތާއި އަހުލާގީ މިންގަނޑުތަކާއި ލީޑާޝިޕް ހުނަރުތަކާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ބްލޫސް ރީ-ޓްރެއިނިންގ ޕްރޮގްރާމް ފަށައިފިއެވެ.
މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި ހިންގޭ ފުރަތަމަ ބްލޫސް ރީ ޓްރެއިނިންގ ޕްރޮގްރާމެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގެ ސެންޓަރ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިޔުރިޓީ ސްޓަޑީޒް އިން މި ޖުލައި މަހުގެ 18އިން ފަސް ދުވަހުގެ މުއްދަތަށް ދ. ވާނީ ގައި ކުރިއަށްގެންދާ މި ޕްރޮގާރާމުގެ މަގުސަދަކީ ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުންކަމަށް ފުލުހުން ބުންޏެވެ.
އަދި ޒިންމާދާރު، ފަންނީ އަދި ރައްޔިތުންނާ ގާތުން ހިދުމަތްދޭ ފުލުހުންގެ މުއައްސަސާއެއް ބިނާކުރުމަށް މަގުފަހިކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޕްރޮގްރާމުގައި، އިންޓާނަލް އެތިކްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އޭ އައި، އޮޕަރޭޝަނަލް ޕޮލިސިންގ އާއި ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ގެ އިތުރުން ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިން ފަދަ މޮޑިއުލްތައް ކިޔަވައިދޭނެ ކަމަށެވެ.
އަދި އޭގެ އިތުރުން ދިމާވާ ތަފާތު ހާލަތްތަކުގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމާއި މައްސަލަ ހައްލުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން މުއާމަލާތް ކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރު ތަރައްގީކުރަން ވެސް ކިޔަވައިދޭނެކަމަށް ބުންޏެވެ.
މި ޕްރޮގާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކޮންސްޓަބަލް ރޭންކް އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކް އާ ދެމެދުގެ ފުލުހުންނަށެވެ. މި ޕްރޮގްރާމުގައި 98ފުލުހުން ބައިވެރިވެއެވެ.
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































