
އަތޮޅުތެރޭގެ ރަށްތަކާއި އާބަން ސެންޓަރުތަކުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފުޅާކުރުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން ވެމްކޯއަށް 22ޕިކަޕް ހަވާލުކޮށްފިއެވެ.
ވެމްކޯއާ ހަވާލުކުރީ ރަށްރަށުގައި ބޭނުންކުރުމަށް ހާއްސަ 10 “ރަށު ޕިކަޕް”އާއި، 350ކިލޯގެ މުދާ އުފުލޭ 12ޕިކަޕް ޓްރަކެވެ.
މި އުޅަނދުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ހޯދާފައިވާ ވަސީލަތްތަކެކެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި މީހުން ދިރިއުޅޭ މައި ސަރަހައްދުތަކުގައި ވެމްކޯގެ ހިދުމަތް ފެށުމަށާއި، މިހާރު ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ އުޅަނދުތައް ބޭނުންކުރަން ފެށުމާއެކު، ރަށްރަށުގެ މަގުތަކުންނާއި ގޭބިސީތަކުން ކުނި އުފުލުމުގެ މަސައްކަތް މިހާރަށްވުރެ ހަލުވިވެ، ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ވެމްކޯގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދީ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ ދާއިމީ ނިޒާމެއް ގާއިމުކުރުމެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ވަސީލަތްތައް ރަށްތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































