
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއެއްގެ ވިޔަފާރި ހަރަކާތްތައް ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނަމަވެސް، ފަތުރުވެރިކަމުގެ ހައި-ސީޒަން ނިމުމަކަށް އައުމާ އެކު، ކުރިއަށް އޮތް ދެވަނަ ކުއާޓަރުގައި ވިޔަފާރިތަކުން ކުރާ އުންމީދުތައް ވަނީ ދަށްވެފައެވެ.
ފުރަތަމަ ކުއާޓަރުގައި ސަވޭކުރެވުނު ހުރިހާ ދާއިރާއެއްގައި ވެސް މުވައްޒަފުންގެ އަދަދު ވަނީ ޖުމްލަގޮތެއްގައި އިތުރުވެފައެވެ. މީގެ ތެރެއިން ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ ދާއިރާގެ އިތުރުން ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގައި އާ މުވައްޒަފުން ވަޒީފާއަށް ވައްދާ ރޭޓު ވަނީ އަވަސްވެފައެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާ އަދި އިމާރާތްކުރުމުގެ ދާއިރާގައި އާ މުވައްޒަފުން ވަޒީފާއަށް ވެއްދި ދުވެލި ވަނީ މަޑުޖެހިފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރިހާ ދާއިރާއެއްގައި ވެސް ތަކެތި ގަންނަން ލިބޭ އަގުތަކާއި އަދި ވިޔަފާރިތަކުން ތަކެތި ވިއްކި އެވްރެޖް އަގުތައް ވަނީ މަތިވެފައެވެ.
ފަތުރުވެރިކަމާއި ހޯލްސޭލް/ރީޓޭލް ދާއިރާ – މުދާ ގަންނަން ލިބޭ އަގުތައް މަތިވަމުންދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އަގު އުފުލޭ ރޭޓު މަޑުޖެހޭނެއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ސެލިންގ ޕްރައިސް ދަށްވާނެ ކަމަށް ބެލެވޭއިރު، ހޯލްސޭލް/ރީޓޭލް ދާއިރާގެ އަގުތައް ކުރީ ކުއާޓަރާ ހިލާފަށް މިއަހަރު މަތިވާނެ ކަމަށް އުންމީދު ކުރެއެވެ.
އިމާރާތްކުރުމާއި ދަތުރުފަތުރުގެ ދާއިރާ – މި ދެ ދާއިރާގައި މުދާ ގަންނަން ލިބޭ އަގާއި ވިއްކާ އަގު ވެސް ކުރިއަށްވުރެ ހަލުވި މިނެއްގައި މަތިވަމުންދާނެ ކަމަށް ލަފާކުރެއެވެ.
ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވި ނަމަވެސް، އިމާރާތްކުރުމާއި ހޯލްސޭލް/ރީޓޭލް ދާއިރާގެ މާލީ ހާލަތު ވަނީ ދަށްވެފައެވެ. އަދި ކުރިއަށް އޮތް ކުއާޓަރުގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުގެ ވެސް މާލީ ހާލަތު ދަށްވާނެ ކަމަށް ލަފާކުރެއެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































