ގައުމީ ފުޓްސެލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ދޭން ފަށަން ނިންމައިފިއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މިހާރު ވެސް މުސާރަ ދެއެވެ. ނަމަވެސް ފުޓްސެލްއަކީ ވެސް މިހާރު ފުޓްބޯޅައެކޭ އެއްގޮތަށް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައި އޮތް ކުޅިވަރަކަށް ވެފައި އަދި ބައިނަލްއަގުވާމީ ގޮތުން ވެސް ގައުމީ ފުޓްސެލް ޓީމުން ކާމިޔާބީތައް ހޯދަމުންދާ އިރު ގައުމީ ފުޓްސެލް ޓީމަށް މުސާރަ ނުދޭތީ އެކަމުގެ ޝަކުވާ އޮވެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޒަރީރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގައުމީ ފުޓްސެލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ދޭން ފަށަން ސްޕޯޓް މިނިސްޓްރީއާއެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެގޮތުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުސާރަ ދޭން ފަށަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ސްޕޯޓްސް މިނިސްޓްރީން އަންނަ އަހަރަށް ހަދާ ބަޖެޓުގައި ވެސް ގައުމީ ފުޓްސެލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ދޭން ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply