މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް މަދުކުރުމުގެ މަޤުޞަދުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިސްނަގައިގެން، އާންމުންގެ އެހީތެރިކަމާ އެކު ހުޅުމާލޭގައި ސާފުކުރުމާއި ފޮގުކުރުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ.

“މަދިރިން ރައްކާ” ނަމުގައި ކުރިއަށްގެންދާ މި ކެމްޕެއިންގެ ދަށުން މިއަދު ސާފުކޮށްފައި ވަނީ ހުޅުމާލޭގެ 155ވަނަ ފްލެޓުން ފެށިގެން 163ވަނަ ފްލެޓާ ދެމެދުގައިވާ ސަރަހައްދެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރާއި އެ ކުންފުނީގެ އިސް ވެރިންނާއި މުވައްޒަފުންގެ އިތުރުން، މޯޕާ ފަދަ ޖަމިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 150 އެއްހާ މީހުން ވަނީ މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައެވެ.

ތިމާވެށި ހިމާޔަތްކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ހުޅުމާލޭގެ ތަފާތު ސަރަހައްދުތަކުގައި މިފަދަ ހަރަކާތްތައް ހިންގުމަށް މިހާރު ވަނީ ރާވާފައެވެ. މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޑީސީން އަންނަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ކޮންމެ ހަފުތާއަކު ގަވާއިދުން ފޮގުކުރުމުގެ އިތުރުން، އާންމުން ހުށަހަޅާ ޝަކުވާތަކަށް ބަލައި މަދިރި ގިނަވާ ސަރަހައްދުތަކަށް އަމާޒުކޮށްގެންވެސް ފޮގުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. ހަމައެހެންމެ، މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ވެސް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު، ތިމާވެއްޓާ ރައްޓެހި އުސޫލުތަކުގެ މަތިން ބަސް ހުއްޓިތަކުގެ ފުރާޅުމަތީގައި ހަރުލާފައި ހުންނަ ފެންގަނޑުތަކާއި ކުނިބުނި ވަނީ މީގެ ކުރިން ސާފުކޮށްފައެވެ. މިއީ މަދިރި އާލާވުމުގެ ކުރިން އެކަން ހުއްޓުވުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.

Leave a Reply