
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާލެ ސަރަހައްދުން ސާޅީސް ނުވަ ބިދޭސީއަކު ބަލައި ފާސްކޮށް ފަސް މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް ދިރިއުޅެމުންދާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ ކަމެކެވެ. އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން ހިފެހެއްޓި ފަސް މީހުންނަކީ ވެސް ރާއްޖޭގައި އުޅުމުގެ ސައްހަ ލިޔެކިޔުންތައް ނެތި އުޅެމުންދިޔަ ބައެކެވެ.
Monitoring activities under the Migration Monitoring & Compliance Program (MMCP) were carried out today in Male' and Hulhumalé. During the operation, 49 expats were inspected, and 05 expats found in violation of immigration regulations were detained. pic.twitter.com/cRY4O49Ld0
— Maldives Immigration (@ImmigrationMV) June 21, 2026
ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބިދޭސީންނާ ދެކޮޅަށް ފާއިތުވި އަހަރާއި މިއަހަރުގެ ތެރޭގައި ވެސް ފުޅާ ދާއިރާއެއްގައި ރެއިޑްތައް ވަނީ ހިންގާފައެވެ. މިގޮތުން ހައްޔަރުކުރެވޭ މީހުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ ކަންކަން ހަލުވިކަމާ އެކު ކުރިއަށްދާކަމަށް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.
އެތައް އަހަރެއް ވަންދެން ރާއްޖޭގެ އިގުތިސާދާއި އިޖުތިމާއީ ފޭރާމަށް އަސަރުކުރާ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އިމިގްރޭޝަނުން މިފަދަ ކުއްލި އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































