މިއަދު ވިލިމާލޭގައި ހުޅުވައިފި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ އައު އިމާރާތުގެ ސަބަބުން ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތައް ހޯދައި ސަލާމަތްކުރުމުގެ ގައުމީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް އަވަސްކޮށް، ނިންމާލި މި މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ސިފައިންގެ އެންމެ އިސްވެރިޔާ ފާހަގަކުރެއްވި ގޮތުގައި މިއީ އަސްކަރިއްޔާއިން މިއަހަރުގެ ތެރޭގައި ހާސިލުކުރަން އެންމެ ބޮޑަށް އަމާޒުހިފި އެއް ލަނޑުދަނޑިއެވެ. އައު ވަސީލަތްތަކާ އެކު ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމުގެ މަދަނީ ދިފާއީ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، އދ. ގެ ޑްރަގްސް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)އާ ގުޅިގެން ބިނާކުރި މި މަރުކަޒަށް ބޭނުންވާ ޒަމާނީ އާލާތްތައް ފޯރުކޮށްދީފައި ވަނީ އޮސްޓްރޭލިއާ ސަރުކާރުންނެވެ. އެމްއާރުސީސީގެ މައިގަނޑު މަގުސަދަކީ ކަނޑުމަތީގައާއި ވައިގެމަގުން ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އެއްތަނަކުން މޮނިޓާކޮށް ވިލަރެސްކުރުމެވެ.

މި މަރުކަޒުގެ ބިންގާ އެޅިފައި ވަނީ 23 ޖޫން 2022ގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އިމާރާތްކުރުން މަޑުޖެހިފައި އޮތުމަށް ފަހު، މިހާރު މިވަނީ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފަށާފައެވެ. ގާނޫނު ތަންފީޒުކުރުމުގެ ތަފާތު ޕްރޮގްރާމްތައް ވެސް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ މި އިމާރާތުގައި ޒަމާނީ އޮޕަރޭޝަން ރޫމެއްގެ އިތުރުން، ކްލާސްރޫމްތަކާއި ޖަލްސާކުރާނެ އޮޑިޓޯރިއަމެއް ހުންނާނެއެވެ.

Leave a Reply