
މި އަހަރުގެ ފުރަަތަމަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި ކުރީ އަހަރަށްވުރެ 3.3 އިންސައްތަ ކުރިއަރާފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ އެންމެ ފަހުގެ “އިކޮނޮމިކް އަޕްޑޭޓް” ރިޕޯޓުގައިވާ ގޮތުން، 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރިއަލް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ވަނީ 2025ވަނަ އަހަރަށްވުރެ ކުރިއަރާފައެވެ. ނަމަވެސް، މިއީ 2025ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ރެކޯޑުކުރެވުނު % 7.4 ކުރިއެރުމާ އަޅާބަލާއިރު ބޮޑު ދަށްވުމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކަށް ބިނާކޮށް އެމްއެމްއޭއިން ބުނެފައި ވަނީ، ފުރަތަމަ ކުއާޓަރުގެ އިޤްތިސާދީ ކުރިއެރުމަށް އެންމެ ބޮޑަށް ބާރުއަޅާފައި ވަނީ މާލީ ހިދުމަތްތަކުގެ ދާއިރާއާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށެވެ. މީގެ އިތުރުން ދަތުރުފަތުރާއި މުވާސަލާތީ ދާއިރާ، ތަޢުލީމު، ސިއްހީ ދާއިރާ، ކަރަންޓާއި ފެން އަދި ކުނި މެނޭޖްކުރުން އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކުން ވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.
ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދުގެ މުހިންމު ދެ ދާއިރާއެއް ކަމަށްވާ މަސްވެރިކަމުގެ ދާއިރާއާއި އުފެއްދުންތެރިކަމުގެ (މެނުފެކްޗަރިން) ދާއިރާ ވަނީ ދަށްވެފައިކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އަހަރީ ޖީޑީޕީގެ ލަފާކުރުންތަކަށް ބަލާއިރު، 2026ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި ގުޅިފައި ވަނީ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާވެގެން ދިޔުމާއެވެ.
މީގެ އިތުރުން، 2026ވަނަ އަހަރުގެ ޖުލައި މަހު ނެރުނު ރިވައިޒްޑް އެސްޓިމޭޓްތަކުން ދައްކާގޮތުގައި 2024ވަނަ އަހަރު 3.5 އިންސައްތައިގައި އޮތް އިޤްތިސާދީ ކުރިއެރުން، 2025ވަނަ އަހަރު ނިމުނުއިރު ވަނީ 6.2 އިންސައްތައަށް ކުރިއަރާފައެވެ. މިއީ ކުރިން ލަފާކުރި ވަރަށްވުރެ 0.8 އިންސައްތައިގެ ކުރިއެރުމެކެވެ. 2025ވަނަ އަހަރުގެ މި ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވުމާއި ފައިނޭންޝަލް ސަރވިސަސް، މަސްވެރިކަން އަދި އުފެއްދުންތެރިކަމުގެ ދާއިރާއިން ލިބުނު ހެޔޮ ބަދަލުތަކެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































