
އަދަދު ނޫހުން ނެރެފައިވާ ޑޮކިއުމެންޓްރީ ދައުރުކުރުމާއި އެ ކަމާ ގުޅޭ ވާހަކަތައް ދެއްކުން މަނާކޮށް ނެރުނު ގެގް އޯޑަރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި ބާ ކައުންސިލުން ތަދައްހުލުވެއްޖެއެވެ.
މިކަމާ ގުޅިގެން ބާ ކައުންސިލުން އެކްސްގައި ބުނެފައި ވަނީ ޑޮކިއުމެންޓްރީއާ ގުޅިގެން ނެރެފައިވާ ގެގް އޯޑަރު ގެ މައްސަލައިގައި ތަދައްހުލުވުމަށް މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ތަދައްހުލުވުމަށް ހުށަހެޅީ ޑިއު ޕްރޮސެސްއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިޔާގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދިފާއުގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
ޑޮކިއުމެންޓްރީ އާ ގުޅިގެން ކޯޓުން ނެރުނު ގެގް އޯޑަރުގައި ބުނެފައިވަނީ އެއްވެސް ފަރާތަކުން ދައުވާއާ ގުޅުން ހުރި ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި އަދި ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އަމުރުނެރެފައެވެ.
މި ގެގް އޯޑަރާއި ހިލާފުވީ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހްޒާންއާއި ލީވާން އަލީ ނާސިރު ޖަލަށްލައިފައެވެ. ޝަހުޒާން ޖަލުގައި 15 ދުވަސް ހޭދަކުރިއިރު ލީވާން ޖަލުގައި ހޭދަކުރީ 10 ދުވަހެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































