
ދައުލަތުން ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެންނަ ބިލު ދިރާސާކުރުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހަށް ނިންމާ ގޮތަށް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލު ދިރާސާކުރުމުގެ ސުންގަޑީގެ ގޮތުގައި އަންނަ އާދިއްތަ ދުވަހު މެންދުރު 12 ޖަހާއިރު ކަމަށް ލާމަރުކަޒީ ކޮމިޓީން ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
އެ ގޮތަށް ފާސްކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ދީދީއެވެ. އަދި ބިލަށް ހިޔާލު ހޯދަން ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ނިޔަލަށް ކަމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުން ފާސްކުރީ ޕީއެންސީގެ ހަ މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީން ހުށަހެޅީ އަންނަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށެވެ. އެ ހުށަހެޅުމަށް ލިބުނީ ތިން ވޯޓެވެ. އެއީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ދެ މެންބަރުންގެ އިތުރުން އަމިއްލަ މެންބަރަކު ދެއްވި ވޯޓެވެ.
ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ހޯދުމުގެ އުސޫލުތައް ހަރުދަނާކޮށް، ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޔަގީންކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަންފާއަށް ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ބިން، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކާ އެކު ކައުންސިލްގެ އިހުތިސާސުން އުނިކުރެވޭނެއެވެ. އަދި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް، އެފަދަ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ލިބިދޭނެކަމަށް އައު އިސްލާހުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، އެކަށީގެންވާ ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސްއެޅޭ ފަދަ އަމަލުތައް ހިންގުމާއި، މަސައްކަތް ހުއްޓޭ ފަދަ ނިންމުންތައް ނިންމުން ކައުންސިލްތަކަށް މަނާކުރާ މާއްދާ އެއްވެސް މި ބިލުގައި އެކުލެވިގެންވެއެވެ. ސަރުކާރުން ހިންގާ ތަރައްޤީގެ ކަންކަމަށް ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެކަން މި އިސްލާހުގައި ވަނީ ސާފުކޮށްދީފައެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































