
ޓޫރިޒަމް ވިޔަފާރީގައި އެންމެ ގުޅުންބޮޑު ދާއިރާއަކީ ވައިގެ ދަތުރުފަތުރެވެ. ސަބަބަކީ ވައިގެ ދަތުރުފަތުގައި ހަރަކާތްތެރިވާ އެއާލައިންތަކާއި މި ދާއިރާއާ ދެމެދު އޮތް ގުޅުން ބޮޑުވުމެވެ. ދުނިޔޭގެ ޓޫރިޒަމްގެ މަޝްހޫރު ގިނަ މަންޒިލްތަކަށް ބަލާއިރު ސިވިލް އޭވިއޭޝަންއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށް ހިންގަނީ އެހެންވެއެވެ. ދުނިޔޭގެ މަޝްހޫރު ޓޫރިޒަމް މަންޒިލްތަކަށް ބަލާއިރު ބަހާމަސްގައި އޮންނަނީ ޓޫރިޒަމް މިނިސްޓްރީ އާއި އިންވެސްޓްމަންޓް އަދި ސިިވިލް އޭވިއޭޝަން އޮންނީ އެއްކޮށެވެ. މިއީ ފަތުރުވެރިކަމަށް ބަރޯސާވާ ޖަޒީރާ ގައުމަކަށް ވާތީ، ވައިގެ މަގުން ފަތުރުވެރިން އައުމާއި އެއާޕޯޓްތައް ތަރައްގީކުރުން އެއް އަމާޒެއްގައި ހިންގުމަށް މި ބަދަލު ވަނީ ގެނެސްފައެވެ. ބާބަޑޮސްގައި ސިވިލް އޭވިއޭޝަންގެ ކަންކަން ބަލަހައްޓަނީ މި ޓޫރިޒަމް މިނިސްޓްރީގެ ދަށުންނެވެ. މީގެ މައިގަނޑު ބޭނުމަކީ ގައުމަށް ފަތުރުވެރިން ގެނައުމަށް ބޭނުންވާ ފްލައިޓްތައް އިތުރުކުރުމާއި، އެކަމާ ގުޅޭ އެއްބަސްވުންތައް ފަސޭހައިން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން މޮރިޝަސްއަށް ބަލާއިރު ޓޫރިޒަމް މިނިސްޓްރީ ގިނަ ފަހަރަށް އެކްސްޓާނަލް ކޮމިއުނިކޭޝަންސް ނުވަތަ ސިވިލް އޭވިއޭޝަންގެ ޕޯޓްފޯލިއޯ އޮންނަނީ ހަމަ އެއް ވަޒީރެއްގެ ދަށުގައެވެ. މިއީ “އެއާ އެކްސެސް ޕޮލިސީ”(ވައިގެ މަގުން ގައުމަށް ވަދެވޭނެ ގޮތްތައް)ކަނޑައެޅުމުގައި ފަސޭހަަކަށް ކުރާ ކަމެކެވެ. އަދި އެހެން ގައުމަކަށް ބަލާއިރު ކުރިން ސީޝެލްސްގައި ވެސް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަދި ޕޯޓްސް އެންޑް މެރިންގެ ނަމުގައި އެއް މިނިސްޓްރީއެއް އޮތެވެ. ނަމަވެސް ސަރުކާރުތަކަށް އަންނަ ބަދަލާއެކު ބައެއް ފަހަރު މި ދާއިރާތައް ވަކިކޮށް ނުވަތަ ފޮރިން އެފެއާޒް ފަދަ ދާއިރާތަކާ ވެސް އެއްކޮށްލައެވެ.
މި ބަދަލު ގައުމުތަކުން ގެންނަނީ ސްޓްރެޓީޖިކް އެލައިންމަންޓްތަކާއި ޓޫރިސްޓުން އިތުރުކުރަން ބޭނުންވާ މާކެޓްތަކުން ފްލައިޓްތައް ބޭއްވުމަށް ސިވިލް އޭވިއޭޝަންގެ ހުއްދަތައް ދިނުމުގައި ލުއިފަސޭހަކޮށް ދިނުމެވެ. މީގެ އިތުރުން އެއާޕޯޓްތައް ތަރައްގީކުރާއިރު ފަތުރުވެރިކަމުގެ އަމާޒުތަކަށް ބަލައިގެން މަސައްކަތް ކުރަން ފަސޭހަވުމެވެ. އަދި އިދާރީ ހިންގުމުގެ ޚަރަދުތައް ކުޑަވެ، ނިންމުންތައް އަވަސް ކުރުމެވެ.
ދިވެހި ސަރުކާރުން ވެސް ވަނީ ދާދިފަހުން މިބަދަލު ގެނެސްފައެވެ. ރައީސް ޑރ، މުހައްމަދު މުއިިއްޒު ވަނީ މި މުހިންމު ބަދަލު ގެނެސްފަ އެވެ. މިފަހަރު ސަރުކާރުން ގެނެއި މި ބަދަލާމެދު ޓޫރިޒަމް ސިނާއަތުގެ އިސް ފަރާތްތަކުން ދެކެނީ މިއީ މުހިންމު ބަދަލެއްގެ ގޮތުގަ އެވެ. ސަބަބަކީ މި ވަގުތު އެއާލައިންތަކާއި ޓޫރިޒަމް ސިނާއަތު ކަނެކްޓިވިޓީގެ ދައުރު މިވަގުތު އިންތިހާ އަށް ބޮޑުވެފައިވުމެވެ. ހާއްސަކޮށް ދުނިޔޭގެ އެކި ހިސާބުތަކާއި ރާއްޖެއާ ދެމެދު ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފަށައި ޓޫރިޒަމަށް ދިރުން ގެންނަން މިވަގުތު ޖެހިފައިވުމެވެ.

ޓޫރިޒަމާއި ސިވިލް އޭވިއޭޝަން މިފަހަރު ސަރުކާރުން އެއްކޮށްލާފައިވާއިރު މިއީ ރާއްޖޭގައި އަލަށްކޮށްފައިވާ ކަމެއް ނޫނެވެ. ޓޫރިޒަމް ތާރީހަށް ބަލާއިރު މިދިޔަ 50އަހަރުތެރޭގައި އެންމެ ގިނައިން އަދި އެންމެ ކާމިޔާބުކަމާއެކު ހިންގާފައިވަނީ ވެސް ސިވިލް އޭވިއޭޝަން އާއި ޓޫރިޒަމް އެއްކޮށްލައިގެންނެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ހިންގީ ސިވިލް އޭވިއޭޝަންއާއެކުގައެވެ. މި މިނިސްޓްރީގެ ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަލްމަރުޙޫމް އިބްރާހީމް ޒަކީ އާއި އަލްމަރުޙޫމް ޢަބްދުﷲ ޖަމީލް އަދި އަދި ޑރ. މަޙްމޫދު ޝައުގީ ހިމެނިވަޑައިގަންނަވައެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ އަދި ސިވިލް އޭވިއޭޝަންގެ ބައެއް ބާރުތައް އޭރު މި މިނިސްޓްރީގެ ދަށުގައި ހިންގިއެވެ. ނަމަވެސް، ފަހުން ސިވިލް އޭވިއޭޝަން ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރެވުނެވެ. އަދި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި (2012-2013)ރައީސް ވަހީދުގެ ދައުރުގައި ވެސް ޓޫރިޒަމާއި ސިވިލް އޭވިއޭޝަން އެއްކޮށްލައިގެން ހިންގުމުގެ ސިޔާސަތު ގެންގުޅުއްވި އެވެ. އޭރު ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވީ އަހުމަދު އަދީބު އަބްދުލްޣަފޫރެވެ.
އެެހެންވެ މި ބަދަލު ބެލެވިފައިވަނީ ރާއްޖޭގެ އިގްތިސޯދަށް މުހިންމު ބަދަލަށެވެ. ސަރުކާރުން މިވަނީ މިފަހަރު މި މުހިންމު ބަދަލު ގެނެސްފައެވެ. އަދި މިނިސްޓަރުގެ މަގާމަށްވެސް އައްޔަން ކުރައްވާފައިވަނީ ކެޕްޓަން މުހައްމަދު އަމީންއެވެ. އަމީންއަކީ މިހާލަތަށް ބަލާއިރު ރަނގަޅު ޗޮއިސްއެކެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































