ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުގެ ދަށުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ފ. ނިލަންދޫގައި ތެޔޮ ވިއްކާ އައު ސްޓޭޝަނެއް ޤާއިމުކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ފަސޭހަކަމާ އެކު ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން ޖުމުލަ އަށާރަ ރަށެއްގައި މިފަދަ މަރުކަޒުތައް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މިހާތަނަށް ފަސް ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާއިރު، މައި ކުންފުނި އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މިހާރު ޚިދުމަތް ފެށިފައިވާ ރަށްތަކުގެ ތެރޭގައި ނިލަންދޫގެ އިތުރުން ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ރ. ދުވާފަރު އަދި ބ. އޭދަފުށި ހިމެނެއެވެ.

 

މި މަޝްރޫޢު ފެށުމުގެ ކުރިން އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން ލިބެމުން އައީ މަދު ސަރަޙައްދަކުންނެވެ. އެއީ އައްޑޫ ސިޓީގެ ގަމާއި ހުޅުމީދޫ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީގެ އިތުރުން ފެލިވަރާއި ކޫއްޑޫންނެވެ. މުޅި ރާއްޖެއަށް ފުޅާކުރެވޭ މި ވިއުގައިގެ ސަބަބުން އަތޮޅުތެރޭގެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.

Leave a Reply