
މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާ ބޭންކުތަކުން ދައުލަތަށް ދައްކާފައިވާ އިންކަމް ޓެކްސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭންކުތަކުން ވަނީ އިންކަމް ޓެކްސްގެ ގޮތުގައި 864.5 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައެވެ. މިއީ 2025ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައްކާފައިވާ 745.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު 119.2 މިލިއަން ރުފިޔާގެ (ނުވަތަ ގާތްގަނޑަކަށް 16 އިންސައްތައިގެ) އިތުރުވުމެކެވެ.
ފާއިތުވި ތިން އަހަރު ދުވަހުގެ އަހަރީ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭންކިން ދާއިރާއިން އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ހުރީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ. އެގޮތުން 2023ވަނަ އަހަރު ޓެކްސްގެ ގޮތުގައި 1,22 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، 2024ވަނަ އަހަރު އެ އަދަދު ހުރީ 1,19 ބިލިއަން ރުފިޔާގައެވެ. އަދި ނިމިދިޔަ 2025ވަނަ އަހަރު ބޭންކުތަކުން އިންކަމް ޓެކްސްގެ ގޮތުގައި ދައްކާފައި ވަނީ 1,2 ބިލިއަން ރުފިޔާއެވެ.
ބޭންކުތަކުން ދައްކާ އިންކަމް ޓެކްސް އިތުރުވެފައި މި ވަނީ، އެ ފަރާތްތަކަށް ލިބެމުންދާ ސާފު ފައިދާ ވެސް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭންކުތަކަށް ސާފު ފައިދާގެ ގޮތުގައި 1,942.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ އަދަދު ވަނީ 2,482.3 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































