
ރައްޔިތުންނަށް ޚިދުމަތްދޭ ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން މެދުކަނޑާނުލައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އާންމު ޚިދުމަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޙިއްޞާކުރެއްވި ބަޔާނުގައި ވަނީ، ޤައުމުގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ދައުލަތުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ އަދި އިޚުލާޞްތެރި މަސައްކަތްޕުޅުތަކަށް ނިހާޔަތަށް ތަޢުރީފުކުރައްވާފައެވެ. ހަމައެއާ އެކު، ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި އެއްވެސް ވަރުބަލިކަމެއްނެތި ރޭގަނޑާއި ދުވާލު މަސައްކަތްކުރައްވާ އެންމެހާ ޚިދުމަތްތެރިންގެ އަގު ވަޒަންކުރައްވައި އެމަނިކުފާނު ވަނީ ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރައްވާފައެވެ.
On this #UNPublicServiceDay, we honour the dedication and resolute efforts by the public servants, who are tirelessly working towards the betterment of our societies, advancing Sustainable Development Goals (SDGs) and safeguarding communities globally.
The Government of the… pic.twitter.com/VabARSg3aV
— Dr Mohamed Muizzu (@MMuizzu) June 23, 2026
ބައިނަލްއަޤުވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23ވަނަ ދުވަހު އދ. ގެ ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އާންމު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ މަސައްކަތްތައް ބަލައިގަތުމެވެ. މީގެ އިތުރުން، ޤައުމު ބިނާކުރުމުގައި އެފަރާތްތަކުގެ މުހިންމު ދައުރު ފާހަގަކޮށް، ދައުލަތް ހިންގުމުގެ ދާއިރާއަށް ނުކުތުމަށް އާ ޖީލުގެ ޒުވާނުންނަށް ހިތްވަރު ދިނުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު އެއް އަމާޒެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































