
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެ މަގުން ރެކޯޑު އަދަދަކަށް މުދާ ބޭރުކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކުރި ގޮތުގައި މި މަހުގެ 12ވަނަ ދުވަހު އެކަނިވެސް 114 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ ބޭރުކޮށްގެން އައު ރެކޯޑެއް ގާއިމުކުރި ދުވަހެވެ. މީގެ ކުރީގެ ރެކޯޑަކީ 100 ޓަނުގެ މުދަލެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެއާޕޯޓުން ޖުމްލަ 7,928 ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރުކޮށްފަ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 6,879 ޓަނުގެ މުދަލާ އަޅާބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ މާރިޗު މަހުގައެވެ. އެ މަހު އެކަނި ވެސް 1,791 ޓަނުގެ މުދާ ވައިގެ މަގުން ބޭރުކޮށްފައިވެއެވެ.
މި އައު ރެކޯޑާ އެކު ސަރަހައްދީ އެއާ ކާގޯ ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދާއިރާގެ މާހިރުން ގަބޫލު ކުރައްވައެވެ. އަދި މިއީ ރާއްޖެ މެދުވެރިކޮށް މުދާ އުފުލުމަށް އޮތް ޑިމާންޑާއި އެއާލައިންތަކުގެ ގުޅުން އިތުރުވަމުންދާކަމުގެ އަލިގަދަ ހެއްކެކެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































