ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ދެ އޮޕަރޭޝަންގެ ތެެރެއިން މި ޖުލައި މަހުގެ 7ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި / ލޭކޮކާ، ޙަސަން އިބްރާހީމް (27އ) އާއި، ހދ. ކުޅުދުއްފުށި / ކަގި، ފާޠިމަތު ޢަލީ (32އ)ކަމަށެވެ. އެ މީހުން ހައްޔަރުކޮށް، އެ މީހުންތިބި ގެސްޓްހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 3.9 ގުރާމު ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތީގެ ބޭނުންކުރާކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އިބްރާހީމް 10 ދުވަހަށް އަދި ފާޠިމަތު ޢަލީ ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި ދިޔަ ޖޫން މަހުގެ 30ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހދ.ކުޅުދުއްފުށި / އެނީޒާ، އާދަމް މުޙައްމަދު (42އ) އާއި، ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (33އ) ކަމަށެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 14.06 ގުރާމު ހުންނާނެ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Leave a Reply