ވަކި ފަންނަކަށް ނިސްބަތްވިޔަތީ، ގާނޫނާ ހިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ވަކި ގޮތަކަށް އަމަލުނުކުރުމަށް އަންގައި ކުރާ އަމުރާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، ގާނޫނަކާ ހިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން، އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅުއްވާނެކަމުގެ ޔަގީންކަން، އިސް ތަރުޖަމާނު ދެއްވިއެވެ. އެހެންނަމަވެސް، ހުރިހާ ފަންނެއްގެ ބޭފުޅުންނަށްވެސް، އެބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިވަޑައިގަންނަވާ ހައްގުތަކާއި، އިހުތިޔާރުތަކާއި، ބާރުތަކާއި، ޒިންމާތައް ހުންނާނޭކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

އަދި، ސަރުކާރުގެ ވެސް، ރައީސުލްޖުމްހޫރިއްޔާގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިހުތާރުމުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންގެ ބާރު ކެނޑޭނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންނަށް އޮންނަ ގާނޫނީ ބާރުތައް ހަނިވާގޮތަށް، މި ސަރުކާރުން އަމަލު ނުކުރައްވާނޭކަމުގެ ޔަގީންކަން މުންދު ދެއްވިއެވެ.

އަދި ރައީސް އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރަންސްތަކުގައި، އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން، ރައީސް އޮފީހުން ކަށަވަރުކުރެއްވިކަމުގައިވިޔަސް، ކޯޓު އަމުރާ ގުޅޭ ކަންކަން ތަންފީޒުކުރައްވާނީ، ކަމާ ގުޅުންހުރި ތަންފީޒީ އިދާރާތަކުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލުނުކުރުމަށް އަންގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން  އޮޅުން އަރާ ފަދަ ކަމެއް އޮތްނަމަ، އެކަން ސާފުކުރަން ހުށަހަޅަން ޖެހޭ އުސޫލުގެ މަތިން ހުށަހަޅައި، އެކަން ސާފުކުރެއްވުމަށް މުންދު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.