
ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ އަމިއްލަ އެއާލައިން، މަންޓާ އެއާގެ އޭޓީއާރް 72-600މަރުކާގެ ބޯޓެއް ވެޓް-ލީޒް އުސޫލުން އޮޕަރޭޓް ކުރުމަށްޓަކައި ޕާކިސްތާނަށް ގެންގޮސްފިއެވެ.
ވެޓް-ލީސް އަކީ އޭވިއޭޝަން ދާއިރާގައި އެއް އެއާލައިނަކުން އަނެއް އެއާލައިނަކަށް ހުރިހާ ވަސީލަތްތަކަކާއެކު ބޯޓު ކުއްޔަށްދޭ ހާއްސަ އުސޫލެކެވެ. މި އުސޫލުން ބޯޓު ކުއްޔަށްދޭއިރު، ބޯޓު ކުއްޔަށް ހިފާ ކުންފުންޏަށް ތިރީގައިވާ ހަތަރު މައިގަނޑު ބަޔަކަށް ފޯރުކޮށްދޭންޖެހެއެވެ. އެއީ އޮޕަރޭޓް ކުރާނެ ފްލައިޓާއި ބޯޓު ދުއްވާނެ ޕައިލެޓުންނާއި، ކެބިން ކްރޫން އަދި ބޯޓުގެ މަރާމާތާއި ފަންނީ ހުރިހާ ކަމެއް ބެލެހެއްޓުން އަދި ބޯޓާއި އޮޕަރޭޝަނާ ގުޅޭ އިންޝުއަރެންސް ބެލެހެއްޓުމެވެ.
އޭވިއޭޓާ މޯލްޑިވްސް އިން ބުނީ މަންޓާ އެއާގެ އޭޓީއާރު ބޯޓު ޕާކިސްތާނަށް ދިއުމަށްފަހު، އެ ގައުމުގެ އެތެރޭގެ އުދުހުންތަކުގައި މިހާރު ވަނީ ފްލައިޓެއް ކުރިއަށް ގެންގޮސްފައެވެ. މިއީ ސިވިލް އޭވިއޭޝަންގެ ރެގިއުލޭޓަރީ ހުއްދަތަކާއި އޮޕަރޭޝަނަލް ވެލިޑޭޝަން (ގާބިލުކަން ކަށަވަރުކުރުން)ފުރިހަމަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓެސްޓެކެވެ.
މަންޓާ އެއާގެ މި އޮޕަރޭޝނަކީ ޕާކިސްތާނުގައި އަލަށް އުފެދެމުން އަންނަ އެއާލައިނެއް ކަމަށްވާ “ސައުތު އެއާ”އާ ގުޅިގެން ކުރިއަށްދާ މަސައްކަތެއް ކަމަށް މައުލޫމާތު ލިބެއެވެ. ސައުތު އެއާ އަކީ އެ ގައުމުގެ އެތެރޭގެ އުދުހުންތަކާއި، ހާއްސަކޮށް ސަރަހައްދީ ގުޅުންތައް ބަދަހިކޮށް، ދަތުރުފަތުރުގެ ހިދުމަތް ކުޑަ ސަރަހައްދުތަކަށް އަމާޒުކޮށްގެން މާކެޓަށް ނުކުންނަން ތައްޔާރުވަމުންދާ ކުންފުންޏެކެވެ.
މަންޓާއިން ވެފައިވާ މޮ އެއްބަސްވުމުގެ ދަށުން މަންޓާ އެއާ އިން ބޯޓުގެ އިތުރުން ފްލައިޓް ކްރޫން (ޕައިލެޓުންނާއި ކެބިން ކްރޫން)އަދި މެއިންޓެނަންސް ސަޕޯޓް ފޯރުކޮށްދޭނެއެވެ. އަދި ޝެޑިއުލްތައް ރޭވުމާއި، ރޫޓުތައް ކަނޑައެޅުން އަދި މާކެޓިންގެ އެންމެހާ ކަންކަން ބަލަހައްޓާނީ ޕާކިސްތާނުގެ ސައުތު އެއާ އިންނެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސައުތު އެއާގެ އަމިއްލަ ފްލީޓާއި ކްރޫން ސެޓްފިކޭޝަން މަރުހަލާ ނިމެންދެން، ވަގުތުން ހިދުމަތް ފެށުމުގެ ފުރުސަތު އެ ކުންފުންޏަށް ފަހިވެގެންދާނެއެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































