
އައްޑޫ ސިޓީގެ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮލަށް ލިބުނު ފުން ޒަޚަމްތަކަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް، އެރަށަށް ނިސްބަތްވާ ރަމީޒު ނިޔާވެއްޖެއެވެ.
މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދިޔަ ރަމީޒުގެ ބޮލުގެ ނާށިގަނޑު ވަރަށް ބޮޑަށް ފަޅައިގެންގޮސްފައިވާއިރު، އޭނާ ފުރާނަ ދޫކޮށްލީ ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ އާދަޔާ ހިލާފު ބާރުމިނެއްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލުން ނައްޓައި، ރަމީޒު ދުއްވަން އިން ސައިކަލުގައި ޖެހުމުގެ ސަބަބުންނެވެ.
މި މަގުމަތީގެ ހާދިސާގައި ޖުމްލަ ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އޭގެ ތެރެއިން ބާރު ސްޕީޑުގައި ސައިކަލު ދުއްވަން އިން މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އޭނާވެސް ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އަދި މިހާރުވެސް ދަނީ އެ މީހާއަށް މާލޭގައި ފަރުވާދެމުންނެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































