މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ފައިދާ އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ ބޭނުމުގައި، އިތުރު ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމުގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށްދާކަން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވި ގޮތުގައި، މި އައު މަޝްރޫޢުގެ ސަބަބުން ކުންފުނީގެ މާލީ މުސްތަޤުބަލު އިތުރަށް އުޖާލާވެގެންދާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް، ސަރުކާރާ އެކު ކުރެވެމުންދާ މަސައްކަތްތައް ނިމުމުން އާންމުކުރައްވާނެ ކަމަށް އޭނާ ޔަޤީންކަން ދެއްވިއެވެ.

މިވަގުތު ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ އިތުރުން އެމްޓީޑީސީގެ އައު އޮފީސް އިމާރާތުގެ މަސައްކަތް ނިންމުމެވެ. މި އިމާރާތް ބޭނުންކުރަން ފެށުމާ އެކު ކުންފުންޏަށް ވަންނަ ފައިސާ ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ނާގޯށީގެ މަސައްކަތް ނިމުމުން ދެން އެންމެ އަވަހަށް ފަށާނީ ސަރުކާރުން އަލަށް ހަވާލުކުރާ ރިސޯޓުގެ މަސައްކަތްކަމަށް ނިޔާޒު ފާހަގަކުރެއްވިއެވެ. ކުންފުންޏަށް މިހާރު މައިގަނޑު ގޮތެއްގައި އާމްދަނީ ލިބެނީ ގދ. އަޔާޑާ މޯލްޑިވްސް އާއި ބ. އަނަންތަރާ ކިހަވައް ރިސޯޓުންނެވެ.

ކުންފުނީގެ މާލީ ހިސާބުތަކަށް އަލިއަޅުވާލައްވަމުން ނިޔާޒު ވިދާޅުވީ، 2019ވަނަ އަހަރު ކުރިމަތިވި މާލީ އަޑިގަނޑުން އަރައިގަނެވި، ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅުތަކާ އެކު އެމްޓީޑީސީ ވަރަށް ބޮޑަށް ފައިދާވާ ކުންފުންޏަކަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރަކީ ރެކޯޑު މިންވަރަކަށް ފައިދާވި އަހަރެއްކަން ފާހަގަކުރައްވައި، ހުރިހާ ޚަރަދަކާއި ޓެކްސް އުނިކުރުމަށްފަހު ސާފު ފައިދާގެ ގޮތުގައި 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

Leave a Reply