މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މި ހިނގާ މަހުގެ ފަހުކޮޅު ރަސްމީކޮށް ފަށާން ތައްޔާރުވެއްޖެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މުޅި ރާއްޖެ ޒަމާނީ ފެރީގެ ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ މި ނިޒާމު ކާމިޔާބުކަމާ އެކު ޤާއިމުކޮށްފައެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކޮށް ނިންމުމެވެ.

މީމު އަތޮޅުގައި ދަތުރުތައް ފެށުމުގެ ކުރިން ވާންޖެހޭ އެންމެހާ ތައްޔާރީތައް އެމްޓީސީސީން މިހާރު އަންނަނީ ވަމުންނެވެ. މިގޮތުން، ޚިދުމަތާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމަށްޓަކައި އެ އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް އެ ކުންފުނިން ދަނީ ބާއްވަމުންނެވެ.

މި ޒަމާނީ ފެރީގެ ނިޒާމަކީ ބޭސްފަރުވާއަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދަތުރުކުރާ މީހުންނަށް އިންތިހާއަށް ލުއިފަސޭހަކަން ގެނެސްދޭނެ ޚިދުމަތެކެވެ. ޚާއްޞަކޮށް، އާންމު ރައްޔިތުންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވުމަކީ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެކެވެ.

މީމު އަތޮޅުގެ އިތުރުން ދެން މި ނިޒާމުން ގުޅާލަން ބާކީ އޮންނާނީ ޒޯން 3 ގައި ހިމެނޭ ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ.

Leave a Reply