
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް ތަރައްޤީގެ އާ ހަރުފަތަކަށް ވާސިލުވެވޭނީ އަމިއްލަ ވިޔަފާރިތަކާއި އާންމު ރައްޔިތުން އަދި ސަރުކާރު ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ފެށި “އައްޑޫ ބިޒްނަސް ޑައިލޮގް” އިފްތިތާޙުކޮށްދެއްވާ ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ވަކި ސަރަޙައްދުތަކެއް ކަނޑައަޅައިގެން ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމެވެ. މިގޮތުން، 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބޮޑު ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެންމެ ފުރަތަމަ މިފަދަ ހަލުވި މަސައްކަތްތަކެއް ފަށައިގަންނަނީ އައްޑޫ ސިޓީންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ފޯރަމްގެ މައިގަނޑު ބޭނުމަކީ، އައްޑޫގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ދަތިތައް ގާތުން އޮޅުންފިލުވުމެވެ. މި މަޝްވަރާތަކުގެ އަލީގައި، ކުރިއަށް އޮތް ތިން އަހަރަށް އަމާޒުކޮށްގެން މައްސަލަތައް ޙައްލުކުރާނެ ގޮތުގެ ޚާއްޞަ ކަރުދާހެއް އެކުލަވާލުމަށް ފަހު، ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެކަންކަމަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އެހެންކަމުން، ބައްދަލުވުމުގެ ބައިވެރިން އެބޭފުޅުންގެ ޝަކުވާތަކާއި، އެކަންކަން ރަނގަޅުކުރެވޭނެކަމަށް ފެންނަ ޚިޔާލުތައް ފާޅުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ކޮންމެ ތަރައްޤީއެއް ވެސް ގެނެވެން އޮތީ ބިމާއި، މުވައްޒަފުންނާއި، އެކަށީގެންވާ މާލީ ތަނަވަސްކަން ލިބިގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިކަންކަން ފަހިކޮށްދިނުމަކީ ހަމައެކަނި ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން، މި އަމާޒަށް ވާސިލުވުމުގައި ސިޓީ ކައުންސިލާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން އިންތިހާއަށް ބޭނުންވާނެކަން އިޤްތިޞާދީ ވަޒީރު ވަނީ ތަކުރާރުކުރައްވާފައެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































