މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތައުލީމީ ދާއިރާށެވެ.

ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މޭ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ވަކި ހާއްސަ ކަންކަމަށް ކަނޑައަޅާފައިވާ “ސްޕެޝަލް ބަޖެޓު”އިންނެވެ. މީގެ އިތުރުން، ދައުލަތުގެ ހިންގާ އިދާރާތަކާއި ވުޒާރާތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ.

މި އަހަރުގެ ބަޖެޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ބަޖެޓުން ސްޕެޝަލް ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ވަކި މިނިސްޓްރީއަކަށް ނިސްބަތްނުވާ ހާއްސަ ބަޖެޓުންނެވެ. މި ބަޖެޓުން މިހާތަނަށް 14,936.8މިލިއަން (14.9 ބިލިއަން)ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ތައުލީމީ ދާއިރާއަށެވެ. މި ވުޒާރާއިން މިހާތަނަށް 1,596.4މިލިއަން ރުފިޔާ ބަޖެޓުން ބޭނުންކޮށްފައިވެއެވެ.

ބަޖެޓުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އުމުރާނީ ތަރައްގީއާއި ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއިންނެވެ. އެއީ 1,380.8މިލިއަން ރުފިޔާއެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ބަޖެޓުން އެންސްޕާއިން މިހާތަނަށް 1,247.5މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މިނިސްޓްރީތަކުގެ ތެރެއިން ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ތައުލީމާއި، އުމުރާނީ ތަރައްގީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާތަކަށެވެ. މީގެ އިތުރުން ސަލާމަތީ ހިދުމަތްތައް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން 892.6މިލިއަން ރުފިޔާ އަދި އެމްއެންޑީއެފް އިން 723.4މިލިއަން ރުފިޔާ ބަޖެޓުން ވަނީ ހޭދަކޮށްފައެވެ.

މިހާތަނަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ޖުމްލަ (25.9 ބިލިއަން)ރުފިޔާ ބަޖެޓުން ވަނީ ހޭދަކޮށްފައެވެ.

Leave a Reply