
ފޭރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން، މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝައްމާން ވަޙީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ދައުލަތުން އުފުލި ތިން ދަޢުވާއަކަށް ޝައްމާން އިންކާރުކުރެއްވި ނަމަވެސް، ޝަރީޢަތުން ވަނީ އެ ހުރިހާ ކުށެއް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. މިގޮތުން، މަނީ ލޯންޑަރިންގ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު، ފޭރުމުގެ ކުށުގައި 8 އަހަރު އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް 2 އަހަރުގެ ޖަލު ޙުކުމެއް ޝައްމާންގެ މައްޗަށް ވަނީ އިއްވާފައެވެ.
މި މައްސަލައިގައި އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ބައިވެރިވެގެން ހިންގި ޤަވާޢިދާ ޚިލާފު ޙަރަކާތެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކުގެ އަތުން ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ (530،000 ރުފިޔާ) އަތުލާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައެވެ. މިއަދު ހަވީރު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ކޯޓުން ވަނީ މި ޖިނާއީ ޢަމަލުތަކުގައި ޝައްމާންގެ ބައިވެރިވުން އޮތްކަމަށް ކަނޑައަޅައި ނިންމާފައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































