
ރާއްޖޭގެ ހަވަނަ މެނުއަލް ވެދާ ސްޓޭޝަން މާފަރު އިންޓަނޭޝަން އެއާޕޯޓުގައި ގާއިމުކޮށްފިއެވެ.
ރާއްޖޭގައި ކުރިން މެނުއަލް ވެދާ ސްޓޭޝަން ގާއިމުކޮށްފައި ހުރީ ލ. ކައްދޫ، ހދ. ހަނިމާދޫ, ގދ. ކާޑެއްދޫ، ލ. ގަން އަދި ހުޅުލޭގައެވެ.
ރާއްޖޭގެ މެޓް އޮފީހުން ބުނީ އެ ފަސް ވެދާ ސްޓޭޝަންގެ އިތުރުން މާފަރު އިންޓަަނޭޝަނަލް އެއާޕޯޓުގައި ހަވަނަ މެނުއަލް ވެދާ ސްޓޭޝަން މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.
އަދި މާފަރު އެއާޕޯޓުގައި ގާއިމުކުރި މެޓް އޮފީހުގެ އޮޕަރޭޝަންތައް އިއްޔެ ފަށާފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އަދި މިއީ މާފަރު އެއާޕޯޓުގައި އޭވިއޭޝަން ވެދާ ސަޕޯޓް ދިނުމަށް އިތުރަށް އެޅުނު މުހިންމު ފިިޔަވަޅެއްކަމަށް ވެސް މެޓް އޮފީހުން ފާހަގަކުރިއެވެ. ހަމަ އެހެންމެ މާފަރު ވެދާ ސްޓޭޝަންއާއެކު ރާއްޖޭގައި އޭވިއޭޝަންގެ އޮޕަރޭޝަންތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދަން ގަވައިދުން ވަގުތުން ވަގުތަށް އެންމެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް މަގުފަހިވެގެންދާނެކަމަށް މެޓް އޮފީހުން ބުންޏެވެ.
މޫސުން ކުރިއަށް ލަފާ ކުރާ ގޮތް ބަލައި ދޭން ޖެހޭ މައުލޫމާތު ކުރިއާލާ ދިނުމުގައި މެޓް އޮފީހުން އަބަދުވެސް މުހިންމު ދައުރެއް އަދާކުރެއެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































