ތިލަފުށީގެ ކުނިގޮނޑުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އޮޕަރޭޝަންތައް ގެނެސް، އޯގަސްޓް 1 ފެށިގެން މާލެ ސަރަހައްދުގެ ކުނި ނެގުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން، އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގާއިމުކޮށްފައިވާ ކުނި ޖަމާކުރާ މަރުކަޒުތަކުން އާންމު އުސޫލުން ކުނި ބަލައިގަތުމުގެ ހިދުމަތް އަލުން ފަށާނެއެވެ. މިއާ އެކު، ފާއިތުވި ދުވަސްތަކުގައި ކުނި އުކާލުމުގައި އާންމުންނަށް ކުރިމަތިވި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ހިދުމަތްތައް އާންމު ހާލަތަކަށް ގެނައި ނަމަވެސް، ވެމްކޯގެ ސައިޓުތަކަށް ކުނި ގެންދާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހާއްސަ ގަވާއިދުތަކެއް ވާކަން އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން، ސްޓޭޝަންތަކަށް ކުނި ގެންނަންވާނީ ކުނި އުފުލުމަށް ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ އިއުލާނުގައި ވަނީ އަންގާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވަނީ، އޮޕަރޭޝަންތަކަށް ބުރޫއެރި މުއްދަތުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ދިމާވި ދަތިތަކަށް ކެތްތެރިކަމާ އެކު އާންމުން ދެއްވި އެއްބާރުލުމަށްޓަކައި އެމަނިކުފާނު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

Leave a Reply