
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އެމްއެމްއޭއިން މިއަދު ހަވީރު ކުރި އިއުލާންއެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އާ އިމާރާތް އަޅަން ބޭނުންވަނީ ހުޅުމާލޭގައި 8064އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށެވެ.
އެހެންވެ އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަޔަކާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ލިބޭނީ ކުރިން އެފަދަ ބޮޑު އެއް ޕްރޮޖެކްޓެއް ފާއިތުވި ފަސް އަހަރު ތެރޭގައި ހިންގައިފައިވާ ފަރާތަކަށް ކަމަށާއި އަދި ކުރީގެ ޕްރޮޖެކްޓަކީ 150އާއި 200މިލިއަން ޑޮލަރާ ދެމެދުގެ ޕްރޮޖެކްޓެއް ކަމަށް ވެސް ވާން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެހެންވެ ބެލެވޭ ގޮތުން އެމްއެމްއޭއިން އަޅަން ނިންމާފައިވަނީ ވަރަށް އަގު ބޮޑު އާ އިމާރާތެކެވެ.
އެމްއެމްއޭއިން ވަނީ އާ އިމާރާތް އަޅަން 200މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ހުޅުމާލެއިން ބިމެއްވެސް ގަނެފައެވެ.
އެމްއެމްއޭ މިހާރު ހިންގާ އިމާރާތް ހުންނަނީ ބޮޑުތަކުރުފާނު މަގުގައި އެއް ނަންބަރު ފާލަން ކައިރީގައެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































