
މާދަމާ ފާހަގަކުރާ ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުއްރަޙްމާން ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ ދައުވަތަކަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު އެ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްގޮތާމެދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ހާއްސަކޮށް، ގިނަ ގައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ތަޢުލީމުގެ ފުރުސަތުތަކާއި، ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެ ގައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމަށް ވެސް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނޭ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަން ދެ ބޭފުޅުން ވެސް ހާމަކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުުންޏެވެ.





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































