ކުޅުދުއްފުށި ސިޓީގެ އޮޑިހަރުގެއަކާއި، ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ހަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުހައްމަދު ނަބީލް އަޙްމަދު (27އ)އެވެ.

އެ މައްސަލައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސީބު އާދަމް ފަސްދުވަހަށް އަދި މުޙައްމަދު ނަބީލް އަހުމަދު 12 ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނެއެވެ. އެ ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހޯދި ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Leave a Reply