
ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބު މައްޗަށް އަރައިފި އެވެ.
ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. އަހަރުގެ އެކި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ އެކު ނިސާބުގެ އަދަދުވެސް ތަފާތުވެ އެވެ.
ރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ބުނީ މިއަދުން ފެށިގެން ނިސާބުގެ ގޮތުގައި 21،836.50 ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ރިހީގެ ގްރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގްރާމަށް ޖެހޭ އަދަދު ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.
ނިސާބުގެ އަގަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު ނިސާބުގެ ގޮތުގައި ކަނޑައެޅީ 19،527.90 ރުފިޔާ އެވެ.
ޒަކާތް ނެރުން ވާޖިބު ވަނީ މުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ.
އެގޮތުން ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ އެއް އަހަރު ހަމަވުމުން އޭގެ 40 ބައިކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ދައްކަން ޖެހެ އެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































