
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދުވެސް އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، ރައްކާތެރިވުމަށް އިލްތިމާސްކޮށްފިއެވެ.
މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 15:30 އަށް ނެރެފައިވާ މި އެލާޓާ ގުޅިގެން މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އާންމު ގޮތެއްގައި ކަނޑުތައް މަޑުވި ނަމަވެސް ކަނޑުގެ ބާނިތައް ބޮޑުވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ރަށްރަށަށް އުދަ އެރުމުގެ ނުރައްކާ ބޮޑުކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
Swell wave surges expected. pic.twitter.com/bIfHzqQaTM
— Maldives Meteorology (@MetMaldives) July 29, 2026
މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި އެހެނިހެން ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
ކަނޑުގެ ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ކަނޑުތައް ތަންކޮޅެއް ގަދަވާނެއެވެ. އުދައިގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވެ، ހާއްސަކޮށް ގޭބިސީތަކުގައި ހިފާގެންގުޅޭ މުދާ ރައްކާތެރިކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































