
ޓެކްސް ނެގޭ އާމްދަނީ ކަނޑައެޅުމުގައި އިންޓްރެސްޓް އުނިކުރާ މިންގަނޑުތައް މުރާޖަޢާކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި، ސަރުކާރުގެ ފަރާތުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ، 2027ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އައު އުސޫލުތަކަށް ޢަމަލުކުރަން ފަށާނެއެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި މުހިންމު ބަދަލާ އެކު ދައުލަތުގެ ޚަޒާނާއަށް އާމްދަނީގެ ގޮތުގައި އިތުރަށް 496،300،302 (ހަތަރުސަތޭކަ ނުވަދިހަ ހަ މިލިއަން ތިންލައްކަ ތިން ސަތޭކަ ދެ) ރުފިޔާ ލިބިގެންދާނެއެވެ.
އައު އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ޓެކްސް ހިސާބުކުރާ މުއްދަތުގެ ތެރޭގައި އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ކަނޑައެޅޭނީ ޓެކްސް ދައްކާ ފަރާތުގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މީގެ އިތުރުން، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައި ހުރި ބައެއް މާއްދާތަކާއި ބައިތައް މުޅިން އުނިކުރުމަށް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފައެވެ. ސަރުކާރުގެ ފަރާތުން މި މުހިންމު ބިލު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިދެއްވީ ވިލުފުށި ދާއިރާގެ މެމްބަރު ޙަސަން ވަޙީދެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































