
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ފުރިހަމަކުރުމަށް ސިއްހީ މާހިރުން އިލްތިމާސްކުރައްވަމުން ގެންދަވަނިކޮށް، މި ސަރަހައްދުގައި އެންމެ ހަލުވި ދުވެއްޔެއްގައި ހިމަބިހި ފެތުރެމުންދާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިއްޖެކަން ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ބަންގްލަދޭޝްގައި މި އަހަރު އެންމެ ހަލުވިކޮށް މި ބަލި ފެތުރެމުންދާއިރު، މި ނުރައްކާތެރި ލިސްޓުގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ތައިލެންޑް ފަދަ ގައުމުތައް ވެސް ހިމެނެއެވެ. މިއީ ރާއްޖެއަށް ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރުމަށާއި ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ގައުމުތަކެއްކަން ފާހަގަކޮށްލެވެއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ވިސާ ދޫކުރުމުގެ ކުރިން އެމީހުންނަކީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައިވާ ބައެއްތޯ ކަށަވަރުކުރުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ ފުށުން ފެންނަ ބަލީގެ އަލާމާތްތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރު އެދިވަޑައިގެންނެވިއެވެ.
ޑރ. ފައިސަލްގެ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ރާއްޖެއިން މި ބަލި އެންމެ ގިނައިން ފެންނަމުންދަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންގެ ކިބައިންނެވެ. ކުޑަކުދިންނަށް ބަލިޖެހިފައިވާ މިންވަރު މަދުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިހާތަނަށް ބަލީގެ އަސަރު ފެނިފައިވަނީ އެންމެ ހަތަރު ކުޑަކުދިންގެ ފުށުން ކަމަށެވެ. އެހެންކަމުން، ޒުވާން އުމުރުފުރާގެ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
2017ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ފަހަކަށް އައިސް މި ބަލި ވަނީ އަލުން ފެންނަން ފަށާފައެވެ. މިގޮތުން އަލުން ބަލި ފެތުރެން ފެށިފަހުން މިހާތަނަށް 72 މީހަކަށް ހިމަބިހި ޖެހިފައިވާކަން ރެކޯޑުކުރެވިފައިވެއެވެ.
މި ހާލަތާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެމްއާރު ވެކްސިން ދިނުމުގެ ހާއްސަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ފަށާފައެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































