
މުޒާހަރާތަކުގައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާނަމަ ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.
އިދިކޮޅުގައި މިހާރު ތިބި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްއާއި އެމްޑީޕީން ދަނީ ރޭގަނޑު ސިލްސިލާކޮށް ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.
އެ މުޒާހަރާތަކަށް އިޝާރާތްކޮށް އެޗްއާރުސީއެމްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކަމުންދާ ކަމަށާއި އަދި އެވާހަކަތައް މީޑިޔާގެ ޒަރިއްޔާއިން އާންމުވެ އާންމުންގެ މެދުގައި ނަފުރަތު އުފެދި ހަމަނުޖެހުމަށް ހިތްވަރު ލިބެމުންދާ ކަމަށެވެ.
އަދި އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ހިޔާލުތަކަކީ، ގާނޫނު އަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ރޫހާ ހިލާފު އަމަލުތަކެއްކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ. އަދި އެފަދަ އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ގޮވާލައި ކުރެވޭ ހިޔާލުފާޅުކުރުންތަކާމެދު ކަންބޮޑުވާކަމަށް ވެސް އެ ކޮމިޝަންއިން ބުންޏެވެ.
އަދި ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްފަރާތްތަކުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށް ދައުލަތުގެ މުއައްސަސާ ތަކުން އެކަންކަން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އެޅުމަށް ވެސް އެޗްއާރުސީއެމްއިން ގޮވާލިއެވެ.
އަދި ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދަވާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް ވެސް އެޗްއާރުސީއެމްއިން ގޮވާލިއެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































