77،000 އަށްވުރެ ގިނަ މެންބަރުންނާ އެކު ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި މިއަދު އޮތް ޕީއެންސީގައި ހިމެނޭ މެންބަރުންނަކީ އަމިއްލަ އިހުތިޔާރުގައި އެ ޕާޓީއާ ގުޅުނު ރައްޔިތުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ “ކޮންގްރެސް ފޯރި” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ ނުރަނގަޅު އާދަ މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ކުރިން އޮތް ނިޒާމުގެ ތެރެއިން ގިނަ ބަޔަކު އެމީހުންގެ ނުރުހުމުގައި ޕާޓީތަކުގެ ދަފުތަރުގައި ޖައްސަމުން ދިޔަ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، ގާނޫނުތަކަށް ގެނެވުނު މުހިންމު އިސްލާހުތަކާ އެކު އެކަން މިހާރު ހުއްޓުވިފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއެއްގައި މީހަކު ބައިވެރިވާން ޖެހޭނީ ހަމައެކަނި އެމީހެއްގެ ފުރިހަމަ ރުހުން އޮވެގެންކަން ފާހަގަކުރައްވައި، ވަޒީރު ވަނީ ޕީއެންސީގެ ދަފުތަރުގައި އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އެންމެ މީހަކު ވެސް ނުހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ނިމިދިޔަ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލިއިރު ޕީއެންސީއަކީ ނިސްބަތުން މެންބަރުން މަދު ކުޑަ ޕާޓީއެއް ނަމަވެސް، މިއަދު އެ ޕާޓީއަށް ލިބިފައިވާ ބޮޑު ކުރިއެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދިވެހި ރައްޔިތުން ކުރާ ފުން އިތުބާރުގެ ނަތީޖާކަމުގައި ޝިޔާމް ސިފަކުރެއްވިއެވެ. ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތައް އިހުލާސްތެރިކަމާ އެކު ފުއްދަވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ މެނިފެސްޓޯގެ ގިނަ ކަންތައްތަކެއް ހާސިލުވަމުންދަނީ އެ ސަބަބާ ހުރެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޝިޔާމް ވަނީ، ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް މި ސަރުކާރުން ހަގީގަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ވެރިކަން ވެގެންދާނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ތާރީހީ ރެކޯޑުތަކެއް ގާއިމުކުރާނެ ސަރުކާރަކަށް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

Leave a Reply